ގައުމަށް ދިމާވެފައިވާ މައްސަލައަކީ ވެރިކަން ކުރެއްވުމަށްފަހު، އެހެން ވެރިއަކު ވެރިކަން ކުރައްވާ މަންޒަރު ފެނުމުން އެކަން ހަޖަމު ނުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސައީދު މިފަދައިން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ޕީޕީއެމްގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން އެ ޕާޓީން އަމިއްލައަށް ވަކިވެވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފައްދަން މަސައްކަތްޕުޅު ކުރައްވާ ރައީސް ޔާމީން އެ މަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، ޑޮލަރުގެ އަގު މިހާރު ދަށްވެފައި ވަނީ ސަރުކާރުން ކުރި ކަމަކުން ނޫން ކަމަށާއި މަޝްރޫއުތައް ހުއްޓާލާފައި އޮތުމުން ތަބީއީ ގޮތުން ވެސް ޑިމާންޑު ދަށްވެ، ޑޮލަރުގެ އަގު ދަށްވީ ކަމަށެވެ. އެކަމުގައި ސަރުކާރުގެ އެއްވެސް މަސައްކަތެއް ނެތްކަމަށް ޔާމީން ވިދާޅުވިއެވެ.
މިއާއި ގުޅިގެން "އެކްސް" ގައި ސައީދު ވިދާޅުވީ، ޑޮލަރުގެ އަގު އަދިވެސް ދާނީ ދަށަށް ކަމަށެވެ. އެހެން އެކަން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހުއްޓިފައިވާ އެތައް މަޝްރޫއުތަކެއް އެ ދަނީ އެއްވެސް ވެރިކަމެއްގައި މިހާ ކުރީކޮޅު ކުރިއަށް ނުދާ ބާރު މިނުގައި ކުރިއަށް،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ، އާ ސަރުކާރަކާ ވެރިކަން ހަވާލުވިއިރު އޮތް އެންމެ ނުރައްކާތެރި ހާލަތުގަ އެވެ.
"މިއީ ހަގީގަތް. ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައަސަލައަކީ ވެރިކަންކޮށް، ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަން ކުރާ މަންޒަރު ހަޖަމު ނުވުން،" ސައީދު ވިދާޅުވި އެވެ.
އެއްވެސް ކޮމެންޓެއް ނެތް