ދެން އޮތީ ރައްޔިތުން ކުރި އިތުބާރާއި ދިން ތާއީދުގެ މައްޗަށް ނިމިދިޔަ ފަސްމަހުގެ ތެރޭގައި ކުރެވުނު މަސައްކަތަށްވުރެ އެތައްގުނައަކުން ސްޕީޑު އަވަސްކޮށް ރައްޔިތުން ބޭނުންވި ތަރައްގީ ގެނައުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަރުހަބާ – ދިވެހީންގެ ރާއްޖެ މަޖިލީހަށް ނަމުގައި ޕީއެންސީން ބޭއްވި އުފާ ފާޅުކުރުމުގެ ޖަލްސާގައި ރައީސް ވިދާޅުވީ މި ގައުމުގެ ކުރިމަގު ވަރަށް އުޖާލާކަން މިއަދު ޔަގީންކުރެވިފައިވާކަމަށެވެ. ރައީސް ވިދާޅުވީ ނުބައި މިސްރާބަކުން ދަނިކޮށް ރަނގަޅު ހެޔޮ މިސްރާބަށް ދިވެހިރައްޔިތުންގެ ބުރަ މަސައްކަތުން މިދިޔަ ރިޔާސީ އިންތިހާބުގައި ގެނެސްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސައްކަތް ބޭކާރުވިޔަ ނުދިނުމަށްޓަކައި އަނެއްކާވެސް އެހާމެ ބުރަ މަސައްކަތެއް ރައްޔިތުންކޮށްދީފައިވާ ކަމަށާއި ސާބިތުކޮށްދެއްވީ ރައްޔިތުން ބޭނުންވަނީ މި ގައުމު މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ކުރިއަށްދާ އިސްލާމީ ޝިޔާރު މަތިވެރިކުރާ ގައުމެއް ގޮތުގައި އޮތުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިނިވަންކަން ޔަގީންވެފައި އޮތުމާއި، ރައްޔިތުން އެދޭ ތަރައްގީ ބާރު ދުވެލީގައި ހޯދުގައި ގައުމުގައި ދެން އޮންނަންވާނީ ހަމަޖެހުމާއި ހިތްހަމަޖެހުންކަން ދިވެހިރައްޔިތުން ސާބިތުކޮށްދީފިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެން އޮތީ މަސައްކަތް ކުރުން ކަމަށާއި، އެ މަސައްކަތުގެ ދުވެލި އަވަސްކުރުން ކަމަށެވެ. ވޭތުވެދިޔަ ފަސްމަހުގެ ތެރޭގައި ވަރަށް ދަތި އުދަނގުލުގެ ތެރޭގައި ކޮންމެސް ވަރަކަށް ސަރުކާރަށް ކަންކަން ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމު ތަރައްގީ ވާން. އަޅުގަނޑުގެ ކެބިނެޓުގެ ވަޒީރުންނަށާއި ކުންފުނިތަކުގެ ވެރިންނަށާއި އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ދަންނަވާލަން ބޭނުންވަނީ ވޭތުވެދިޔަ ފަސް މަސް އެއީ އެއްވެސް އެއްޗެއް ނޫނޭ. ތިބޭފުޅުން ދެން އުޅުއްވަންޖެހޭނީ 24 ގަޑއިރު ހޭލައޭ. ހަމަ ސީރިއަސްކޮށް މިދަންނަވަނީ، އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް ތަރައްގީ ރައްޔިތުން ބޭނުންވި ގޮތަށް ގެނެސްދޭން. ރައްޔިތުން އެކަމަށް އިތުބާރު ކުރެއްވީތީ އަދިވެސް ޝުކުރު ދަންނަވަން”. ރައީސް ވިދާޅުވިއެވެ.
ގެދޮރުވެރިކަމުގެ ހިތި މާޒީ ތާއަބަަދަށް މާޒީއަށް ދޫކޮށްލުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ތާއަބަދަށް ހައްލުކޮށްދިނުމުގެ ވައުދު މިގައުމުގައި ފުއްދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއްވެސް ކޮމެންޓެއް ނެތް